ޑޮލަރު މާރުކުރާ ހަތް ފަރާތަކުން ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ޤަވާއިދަށް ގެނައި އިސްލާހާ ގުޅިގެންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން ކުރި ތަހުގީގުން މިކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އެމްއެމްއޭގައި ރަޖިސްޓްރީ ކޮށްގެން ބޭރު ފައިސާ މާރުކުރާ 63 ތަނެއް މިވަގުތު ވެސް ހުރި އިރު، ހުއްދަ ނެތި މިފަދަ މުއާމަލާތްތައް ހިންގާ ގިނަ ފަރާތްތަކެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތަހުގީގުގައި ބެލި ހަތް ފަރާތުގެ ތެރޭގައި ހުއްދަ ނެތި ޑޮލަރު މާރުކުރާ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ކުށެއް ކޮށްގެން ހޯދާ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރުމާއި ހަރަދު ކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް އިޙްސާން ވިދާޅުވިއެވެ. އެހެންކަމުން އެނގިގެން ވިޔަސް ނުވަތަ ނޭނގި ވިޔަސް އެ ފަރާތްތަކުން ބައިވެރިވަނީ މަނީ ލޯންޑަރިންގެ ތެރޭގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ފަރާތްތަކަކީ އަމިއްލައަށް ބޭރުން ފައިސާ ލިބޭ ބައެއް ނޫން ކަމަށާއި، އެމީހުންނަށް ޑޮލަރު ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ ރާއްޖޭގެ ބައެއް ވިޔަފާރިތަކުން ކަމަށް އިޙްސާން ވިދާޅުވިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނޭ ކަމަށާއި، އެގޮތުން އެއް ފަރާތަކުން ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 4 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވާ ކަމަށް ތަހުގީގުން ދައްކާ ކަމަށް ވިދާޅުވިއެވެ.
އާ ގަވާއިދުގެ ދަށުން އެމްއެމްއޭއަށް ޑޮލަރު މާރުކުރުމަކީ ދަތި ކަމެއް ކަމަށް ބައެއް ރިސޯޓުތަކުން ބުނަމުންދިޔަ ނަމަވެސް، އެއަށްވުރެ މާ މަތީ އަދަދަކުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން ފައިސާ ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ވިޔަފާރިތަކަށް ޚިދުމަތްދޭ ފަރާތްތަކާއި ޑޮލަރުން މުސާރަ ލިބޭ ބައެއް އާންމު ފަރުދުން ވެސް މިފަދަ ޣައިރު ގާނޫނީ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިޙްސާން އިތުރަށް ވިދާޅުވީ، ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމަކީ ބައެއް މީހުންނަށް ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް މިއީ ސީރިއަސް ޖިނާއީ ކުށެއް ކަމަށެވެ. އަދި މިހާތަނަށް ބެލި 7 ފަރާތުގެ އިތުރުން، މިފަދަ މުއާމަލާތްތައް ހިންގާ އެހެން ތަންތަނުގެ މައްސަލަތައް ވެސް ސަރުކާރުން ބަލައި ތަހުގީގު ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
