ހުއްދަނެތި އަދި ބޮޑު އަގުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މި ދެ މީހުން އަތުލައިގަނެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހާއްސަ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އެމްޑީ މަސްއޫދު އަހްމަދު އަދި އަބޫ ތާހިރު އެވެ. މީގެ ތެރެއިން އެމްޑީ މަސްއޫދު އަޙްމަދު ސެޕްޓެމްބަރު 11 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދާއިރު މި ދެ މީހުންނާ މެދު ގާނޫނީ ގޮތުން އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތަށް އަމަލު ކުރަމުންދާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.
ކަޅު ބާޒާރުގެ ސަބަބުން ރަސްމީ ބޭންކިން ނިޒާމަށް ބޭރު ފައިސާ ނުވަދެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށާއި މުދަލުގެ އަގުތަކަށް ދަނީ ކުރަމުންނެވެ. ސަރުކާރުގެ ވިސްނުމަކީ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، މިފަދަ ވަގު ވިޔަފާރިތައް ހުއްޓުވައި، އާންމު ރައްޔިތުންނަށް ރަސްމީ އަގުގައި ޑޮލަރު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
