ތިނަދޫ ސިޓީއަށް ލިބިފައިވާ ހަގީގީ ތަރައްގީއަކީ އިމާރާތްތަކާއި ކޮންކްރީޓް ނޫން ކަމަށާއި، އެއީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ވިސްނުމަށާއި ސިކުނޑިއަށް އައި ބަދަލު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ބޭއްވި "އާބާދީ 60" ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާޒީގައި ލާމަރުކަޒީ ނިޒާމެއް ނެތުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުން ކުރި އިހުތިޖާޖުތައް ދައުލަތާ ވަކިވުމާ ހަމައަށް ދިޔަ ކަމަށެވެ. ނަމަވެސް، ޑިމޮކްރެޓިކް ނިޒާމާއެކު ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރުގެ ކުރިން ދައުލަތުގެ ބަޖެޓަކީ ހަތް ބިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް، ޑިމޮކްރަސީގެ ފަހުން އެ އަދަދު 15 ބިލިއަނަށް ވުރެ މައްޗަށް އުފުލިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ނަޝިދު ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރު އިތުރުވުމުން އަޅަންވީ މަގުތަކާ، ހަދަންވީ އިމާރާތްތަކާ، ބަނދަރުތަކާ އަދި ނަރުދަމާތައް ވެސް ހަދަންވީ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކުރާއިރު ހަމައެކަނި ނުކުރަންވީ ކަމަކީ ”ވައްކަން“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރާއްޖެ ރޫޅާލަން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ރައްޔިތުންގެ އިހުތިސޯސުން ބިންތައް ވަކިކޮށް، އަތޮޅު ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލަން އުޅޭނަމަ ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އެދުމާއި ރައްޔިތުންގެ ރުހުމާއެކު ނޫން ގޮތަކަށް ދިވެހިރާއްޖޭގެ އެއްވެސް ކަމެއް ހިންގައިގެން ނުވާނެ ކަމަށާއި އަދި ހިންގިޔަ ދީގެންވެސް ނުވާނެ ކަމަށެވެ.