ސިނަމާލެ ބްރިޖް ހައިވޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ކާރު ދުއްވި މީހާގެ ޑްރައިވިން ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.
ފުލުހުން ބުނީ، ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 08:42 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ފުލުހުން ހާމަކޮށްފައިވާގޮތުން ކާރު ފުރޮޅާލިއިރު، އެ ވަގުތު ކާރުގައި ތިބީ ކާރު ދުއްވި ބ. ކަމަދޫ، ހަސަން ރިފާއު (40އ) އާއި 13 އަހަރުގެ ކުޑަކުއްޖެކެވެ. މި ހާދިސާއާ ގުޅިގެން އެ ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ކާރުގެ ބައިތައް މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށެވެ. އަދި ކާރު ދުއްވަން އިން ހަސަން ރިފާއު ޑްރައިވިން ލައިސަންސް ހިފެހެއްޓުމަށްފަހު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
