ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ރާއްޖޭގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަހްމަދު ފާޒިލް ވ. ކެޔޮދޫއިން ހައްޔަރުކޮށްފިއެވެ.

ވ. ކެޔޮދޫ، ދޭލިޔާގެ، އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލަކީ ކުރިން ގައުމީ ވޮލީބޯޅަ ޓީމަށް ކުޅެފައިވާ އަދި މިހާރުވެސް ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފާޒިލް ހައްޔަރުކޮށްފައިވާ އިރު، މި މަހުގެ 2 ވަނަ ދުވަހު ކެޔޮދޫގައި ހިނގި މާރާމާރިއަކާ ގުޅިގެން ވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ކޯޓުން ކުރިން ވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.