ބާރު ސްޕީޑެއްގައި ދުއްވި ލަމްބަގިނީ ކާރެއް ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނުއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު، ސޯލާ ޕެނަލް ތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ ޕެނަލްތައް ވެސް ވަނީ ވެއްޓިފައެވެ.
އަދި ކާރުވެސް ފުރޮޅާލާ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
