އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މަކީޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން އަހަރަކު އެއްފަހަރު ކުރިއަށްގެންދާ "ސަޅިއޭ މަކީޓާ" ޕްރޮމޯޝަން ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް މަކީޓާ ބްރޭންޑުގެ މަތީ ފެންވަރުގެ އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި އެސްޓީއޯއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މަކީޓާގެ އުފެއްދުންތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކަމުން އަންނަތާ މިހާރު 28 އަހަރު ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މާލޭގައި ހުންނަ މަކީޓާ ޝޯރޫމާއި، ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ހޮވާލެވިފައިވާ ބައެއް ޕްރޮޑަކްޓްތަކުން 8 އިންސައްތައިން ފެށިގެން 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، 1000 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ގުރުއަތުލުމުގައި ބައިވެރިވެވޭ ކޫޕަނެއް ލިބޭނެއެވެ. މި ގުރުއަތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 50،000 (ބައިލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން، ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ވެސް އެންމެ ގިނައިން ވިޔަފާރިކުރައްވާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. މި ޕްރޮމޯޝަންގެ މައިގަނޑު ގުރުއަތުލުން އޮންނާނީ ޕްރޮމޯޝަން ނިމޭތާ ހަފުތާއެއްގެ ތެރޭގައެވެ.
