އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ޖީއީ ހެލްތްކެއާ' އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑް 'ވީ ސްކޭން' މޮޑެލްތައް އެސްޓީއޯ ހެލްތްކެއާ އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

މި ޑިވައިސްތައް ރަސްމީކޮށް ތައާރަފްކޮށް ދެއްވީ ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި މި އުފެއްދުން އިފްތިތާހް ކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތްކެއާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.

ޖީބަށް ލެވޭ ވަރުގެ ކުދި ޒަމާނީ ސްކޭން މެޝިންތަކަކީ ސްކޭންގެ ހިދުމަތް ހަމައެކަނި ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުގައި ދިނުމުގެ ބަދަލުގައި، ބަލިމީހާއާ ވީހާވެސް ގާތުން މި ހިދުމަތް ފޯރުކޮށް ދިނުމުގައި ބޮޑު އިންގިލާބެއް ގެނެސްދޭނެ އުފެއްދުމެކެވެ. ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ޖަޒީރާ ގައުމެއްގައި، ކުދި ރަށްރަށަށް މި ހިދުމަތް ފުޅާކުރުމަށް މިއީ ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެއް ކަމަށް އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ފާހަގަކުރެއެވެ. މި މޮޑެލްތައް އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކާއި ލެޕްޓޮޕްތަކަށް ފަސޭހަކަމާއެކު ގުޅާލެވޭއިރު، ސްކޭން ކުރެވޭ އިމޭޖްތައް ބައިނަލްއަގްވާމީ މިންގަނޑެއް ކަމަށްވާ 'ޑައިކޮމް' ސްޓޭންޑަޑްގައި ފަސޭހަކަމާއެކު ހިއްސާކުރެވޭނެއެވެ.

ޖީއީ ހެލްތްކެއާ އަކީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރޭޑިއޮލޮޖިސްޓުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ.

މީގެއިތުރުން، މި ބްރޭންޑުގެ މެޝިނަރީސްތަކަށް ބޭނުންވާ 'އާފްޓާ ސޭލްސް ސާވިސް' ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުން ވަނީ ޖީއީ ހެލްތްކެއާގެ ކޮންމެ ދާއިރާއަކަށް (މޮޑަލިޓީއަކަށް) ހާއްސަ އިންޖިނިއަރުން ތަމްރީނުކޮށްފައެވެ. މިގޮތުން އެމްއާރުއައި، ސީޓީ ސްކޭން، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ ދާއިރާއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތްއިރު، މި ޓީމުގައި ދިވެހި ފަންނީ އަންހެން އިންޖިނިއަރުން ހިމެނޭކަން އެސްޓީއޯއިން ފާހަގަކުރެއެވެ.