ޅ. ހިންނަވަރުގެ އާބާދީ މަދުވިޔަ ނުދިނުމަށާއި، އެ ރަށުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލައި އެހެން ރަށްރަށަށް ބަދަލުވާ މީހުންގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 2,000 ރުފިޔާ ނެގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ހިންނަވަރު ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގެ ރަށްވެހިން ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ރަށުގެ އާބާދީއަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ރަށްވެހިކަން ބަދަލުކުރުމުގެ ހިދުމަތުގެ އިދާރީ ފީގެ ގޮތުގައި 2,000 ރުފިޔާ ނެގުމަށް ނިންމާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެ ރަށު ކައުންސިލުން ބުނީ މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނު ބުނާގޮތުން، މީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ރަޖިސްޓްރީ ބަދަލުކުރުމުގެ ޝަރުތު ހަމަވެއްޖެ ނަމަ، އެމީހަކު ބަދަލުވާން އެދޭ ރަށަކަށް ރަޖިސްޓްރީކޮށްދިނުމާއެކު، ކުރިން ރަޖިސްޓްރީވެފައި އޮތް ރަށުގެ ރަޖިސްޓްރީން އުނިކުރުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެކެވެ.

ހިންނަވަރު ކައުންސިލުގެ މި ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު މިއީ ގާނޫނާ ހިލާފު ނިންމުމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.