މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޅ.ހިންނަވަރުން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހިންނަވަރަށް ނިސްބަތްވާ ހަތަރު މީހުން ކަމަށެވެ. އެއީ ކަރެޝްމާ / އަބްދުލްމަޖީދު ރަޝާދު (35އ) އާއި ސަރަހަ / މުހައްމަދު ސައްޖާދު އަލީ (34އ) އާއި ދިލްޝާދު / (24އ) އާއި ދުވާފަރު / އަހުދު އިބްރާހީމް (34އ) އެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ނައިފަރު ޕޮލިސް ސްޓޭޝަނާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ޖޫން މަހުގެ 9 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހިންނަވަރު ގެއަކުން މި މީހުން ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަހުދު އިބްރާހިމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަދި އަނެއް ތިންމީހުން 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.