ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2803 އިން ބަލައިގެންފައިވާ ފުރިހަމަ ޕްލޭން (ކޮމްޕްރިހެންސިވް ޕްލޭން) ތަންފީޒުކުރުމަށް އެކުލަވާލި "ރޯޑް މެޕް" އަށް އިޒްރޭލުން ދެކޮޅުހެދުމުން ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ ދެކޮޅަށް އިސްރާއީލުން ނިންމި ނިންމުން ވެސް ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ދެކޮޅުހަދައި ކުށްވެރިކުރާ ކަމަށެވެ.

ދިވެހި ސަރުކާރުން ދެކޭގޮތުގައި އިޒްރޭލުގެ މި ނިންމުމަކީ ގާޒާގެ ހަނގުރާމަ ހުއްޓުވުމަށް އެކުލަވާލި ޕްލޭންގެ މަގްސަދުތަކާ މުޅިން ހިލާފު، އަދި ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ. މީގެއިތުރުން، ފަލަސްތީނުން މި ރޯޑް މެޕް ބަލައިގަތުމާ ހަމައަށް ވާސިލުވުމަށް ސައޫދީ އަރަބިއްޔާ، ގަތަރު، މިސްރު، ތުރުކީ އަދި ބައިނަލްއަގްވާމީ އެހެނިހެން ބައިވެރިން ކޮށްފައިވާ މުހިންމު ޑިޕްލޮމެޓިކް މަސައްކަތްތައް ރާއްޖެއިން ފާހަގަކޮށް، އެކަން ވަނީ ބަލައިގެންފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި، ގާޒާގެ މިހާރު އޮތް އިންސާނީ ނާޒުކު ހާލަތަށް ލުޔެއް ހޯދައިދިނުމަށާއި، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމުކޮށް، ގާޒާ އަލުން އާރާސްތުކުރުމަށް މަގުފަހިކުރުމަށްޓަކައި އެ ޕްލޭން އެއްވެސް ލަސްކުރުމެއްނެތި ފުރިހަމައަށް ތަންފީޒުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް ދާއިމީ ސުލްހަ ގާއިމުކުރުމަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއިން ވަނީ ފަލަސްތީނުގެ ހައްގުގައްޔާއި، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަމިއްލަ އިހްތިޔާރުގެ ހައްގުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ފުރިހަމަ ތާއީދު ދޭނެކަން ވަނީ ތަކުރާރުކޮށްފައެވެ.

އެގޮތުން، ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަމާބެހޭ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.