އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ ފްލޯރެސް ސަރަހައްދަށް މިއަދު ފަތިހު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން 38 މީހުން މަރުވެ، ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާވެފައިވާކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީ (ބީއެންޕީބީ) އިން ބުނެފިއެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީ އިން މައުލޫމާތު ދޭ ގޮތުގައި، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްދާއިރު މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވެ މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ސިއްކަ ޕްރޮވިންސުން 3 މީހުން، މަންގަރާއި ޕްރޮވިންސުން 6 މީހުން އަދި އީސްޓް މަންގަރާއި އިން 5 މީހުން ހިމެނޭކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފިއެވެ.
ބިމުގެ 15 ކިލޯމީޓަރު އަޑިންއައި މި ބިންހެލުމުގެ ލޮޅުންތައް އެއް މިނިޓަށް ދެމިގެން ދިޔައިރު މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ކަނޑުގެ ލެވަލް މައްޗަށް ގޮސްފައިނުވާތީ ތިން ގަޑިއިރު ފަހުން އެ އިންޒާރު ވަނީ އުވާލާފައެވެ. މި ބިންހެލުމާއި ގުޅިގެން 54 ގެއަކަށާއި، 5 ހޮސްޕިޓަލެއްގެ އިތުރުން 3 އަޅުކަންކުރާ ތަނަކަށާއި ސަރުކާރުގެ 6 އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ބިންހެލުމަށްފަހު 6.1 މެގްނިޓިއުޑްގެ ބާރުގަދަ ލޮޅުންތައް ހިމެނޭހެން ގިނަ އެފްޓަރޝޮކްތަކެއް ވަނީ އައިސްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ލޮޅުންތަކެއް އަތުވެދާނެތީ، އިމާރާތްތަކަށް ގެއްލުންވެފައިވާ ސަރަހައްދުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކާ ދުރުގައި ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
