މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ވާރޭވެހި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ކޮމިޝަން ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ބާރުމިނުގައި ކުރިއަށް އެބަގެންދެއެވެ.

މި މަސައްކަތުގެ ދަށުން، މަސްވެރިންގެ ޕާކު ސަރަހައްދުގައި ގާއިމުކޮށްފައިވާ "ޕަމްޕް ސްޓޭޝަން 2" ބުރާސްފަތި ދުވަހު ވަނީ ކާމިޔާބުކަމާއެކު ކޮމިޝަންކޮށްފައެވެ. އެމްޓީސީސީ އިން ހާމަކުރި ގޮތުގައި، މަރުކަޒީ ބޭންކް (އެމްއެމްއޭ) ސަރަހައްދުގައި ހުންނަ "ޕަމްޕް ސްޓޭޝަން 1" ކޮމިޝަން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ، 15 އޮގަސްޓް 2026 ގައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަންނެއް ކޮމިޝަންކުރުން / ފޮޓޯ: އެމްޓީސީސީ

މި ޕަމްޕް ސްޓޭޝަންތަކަކީ މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރަށާއި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރެވޭ ނިޒާމެކެވެ. މި މަޝްރޫއުގެ ސަބަބުން ބޮޑުތަކުރުފާނު މަގުން ފެން ހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނު މަގު އާންމު ދަތުރުފަތުރަށް ހުޅުވާލިއިރު، އެ މަގުގައި ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ހުރިކަން އެ ކުންފުނިން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން 24 ޖުލައި 2026 ގައި އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މަގުގެ ފެންހިންދުމުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި ބަހައްޓަންޖެހޭ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް އޯގަސްޓު މަހު ނިންމުމަށް ތާވަލުކުރެވިފައިވާކަމަށެވެ.ޕަމްޕުތައް ބެހެއްޓުމުގެ މަސައްކަތް ނިމެންދެންވެސް، މާލެއަށް ކުރާ މޫސުމީ ވިއްސާރައިގެ ސަބަބުން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ ހާލަތްތަކުގައި، އެމްޓީސީސީގެ ވަސީލަތްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.