މެލޭޝިއާގެ ރާޔާ އެއާވޭސް އިން ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް މިއަދު ފަށައިފިއެވެ.

މިއަދު ރަސްމީކޮށް ފެށި މި ދަތުރުތަކަކީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ކުރެވޭ ދަތުރުތަކެކެވެ. ރާޔާ އެއާވޭސް އިން ހަފުތާއަކު ދެ ދުވަހު މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހިދުމަތުގައި ބޭނުންކުރާނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. މި ބޯޓުތަކުގައި ކޮންމެ ދަތުރަކު އެވްރެޖުކޮށް 46 ޓަނުގެ މުދާ އުފުލޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދެއެވެ.

ރާޔާ އެއާވޭސްގެ ފްލައިޓަކަށް މުދާ ބަރު ކުރުން / ފޮޓޯ: އެމްއޭސީއެލް

މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ. މި ދަތުރުތަކާއެކު ވީއައިއޭ އާއި ޕެނޭންގާ ދެމެދު ސީދާ ވައިގެ މަގުން މުދާ އުފުލުމުގެ ގުޅުން ގާއިމުވެގެންދާނެއެވެ. މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. މީގެ ސަބަބުން ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ވީއައިއޭ އަކީ ކާގޯ ގުޅުވައިދޭ މުހިންމު ހަބެއްގެ ގޮތުގައި އިތުރަށް ވަރުގަދަވެ، ދުނިޔޭގެ މުހިންމު ބާޒާރުތަކަށް މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ފަހިވެގެންދާނެއެވެ.

ރާޔާ އެއާވޭސް އަކީ ވީއައިއޭ އަށް މިހާރު ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ. މިއީ އެއާޕޯޓުގެ ކާގޯ ގުޅުންތައް ފުޅާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ރާޔާ އެއާވޭސްގެ ފްލައިޓަކަށް މުދާ ބަރު ކުރުން / ފޮޓޯ: އެމްއޭސީއެލް

ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީން ފެށިގެން ޖުލައި 2026 ގެ ނިޔަލަށް ވީއައިއޭ އިން ވަނީ 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ ކާގޯ ހެންޑްލްކޮށްފައެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖެ ވަނީ ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލްތަކާ ގުޅާލެވިފައެވެ. ފާއިތުވި 2025 ވަނަ އަހަރުވެސް 518 ކާގޯ ދަތުރު މެދުވެރިކޮށް 4,300 ޓަނަށްވުރެ ގިނަ ކާގޯ ވީއައިއޭ އިން ވަނީ ހެންޑްލްކޮށްފައެވެ.