މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ އަމިއްލަ ތަމްރީނުދޭ މަރުކަޒު، "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" (އެއިމް) ރަސްމީކޮށް އިފްތިތާހުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ހުޅުލެ އައިލެންޑް ހޮޓަލުގެ ބޯލްރޫމްގައި ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުހައްމަދާއި ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ، އޭއައިއެމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މި އިންސްޓިޓިއުޓަކީ އެއާޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ދިގު މުއްދަތަކަށް ގެންގުޅޭ ތަސައްވުރު ރަމްޒުކޮށްދޭ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރަފުވެރި މެހެމާނު ޑރ. މަހްމޫދު ޝައުގީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތައުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެއާޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި ޖުމްލަ 29 ދަރިވަރުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ އިބްރާހީމް ޝަރީފެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ހާއްސަ އެވޯޑްތައް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ޑރ. މަހްމޫދު ޝައުގީއެވެ.

އެއާޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯހުން މަތީ ނަތީޖާ ހޯދި ދަރިވަރުން / ފޮޓޯ: އެމްއޭސީއެލް

މިފަހަރު ދަސްވެނިވި ދަރިވަރުން ފުރިހަމަކުރި އެއާޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ކޯހެކެވެ. 1 ޖޫން އިން 9 ސެޕްޓެމްބަރު 2025ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ތަމްރީނުތަކަކީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.