މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ށ. މާއުނގޫދޫ މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ށ. މާއުނގޫދޫ، ފެހިވިލާގެ، މުހައްމަދު ފާރިގު (28އ) ގެ މައްޗަށެވެ.
އިއްޔެ މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައި ވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ފާރިގުފެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ. ކޯޓުގެ ހުކުމުގައި ވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައަކީ ނޮވެމްބަރު 24، 2020 ވަނަ ދުވަހު ފުލުހުންގެ ހިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު، ފާރިގުގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ޖަނަވަރީ 6، 2021 ވަނަ ދުވަހުއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލަކަށް ވާއިރު، މިފަދަ މައްސަލަތަކުގައި ގާނޫނު ތަންފީޒުކުރުމަށް ފުލުހުންނާއި ކޯޓުތަކުން ދަނީ ބޮޑު އަހައްމިއްޔަތުކަމެއް ދެމުންނެވެ.
