އެމެރިކާއާއި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ އެންމެ އިސް ރޫހީ ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމަށްފަހު، އެ މަގާމާ ހަވާލުވެވަޑައިގަތް މުޖުތަބާ ހާމަނާއީގެ ސިއްހީ ހާލަތާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައި، އޭނާގެ އާ ވީޑިއޯއެއް އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކޮށްފިއެވެ.

އީރާނުގެ ދައުލަތުން ކޮންޓްރޯލްކުރާ މެހެރް ނިއުސް އޭޖެންސީން އާންމުކުރި 12 ސިކުންތުގެ މި ވީޑިއޯއިން ފެންނަނީ އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ހާމަނާއީ އާންމުންގެ ބަޔަކާ ބައްދަލުކުރައްވައި ވާހަކަދައްކަވާ މަންޒަރެވެ. މެހެރް ނިއުސް އޭޖެންސީން ބުނި ގޮތުގައި، މިއީ އޭނާ އެންމެ އިސް ރޫހީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އާންމުކުރި ފުރަތަމަ ވީޑިއޯއެވެ. ނަމަވެސް، މި ވީޑިއޯ ރެކޯޑުކޮށްފައިވަނީ ކޮން ތާރީހެއްގައި ކަމެއް އަދި ކޮން ތަނެއްގައި ކަމެއް އެ އޭޖެންސީން ހާމަކޮށްފައެއް ނުވެއެވެ. ވީޑިއޯއިން މުޖުތަބާ ފެންނަނީ ސިއްހަތު ރަނގަޅުކޮށް ކަމަށާއި، އޭނާ ހުންނެވީ އާދައިގެ މަތިން ހަރަކާތްތެރިވެވަޑައިގެން ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާގައި އަލީ ހާމަނާއީ އަވަހާރަވިއިރު، އެ ހަމަލާގައި މުޖުތަބާގެ މޫނަށާއި ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. އެ ދުވަހަށްފަހު އޭނާ އާންމު ތަނަކުން ފެނިފައެއް ނުވެއެވެ. އަދި މިދިޔަ މަހު ބޭއްވި އޭނާގެ ބައްޕަގެ ޖަނާޒާގައިވެސް މުޖުތަބާ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. މާޗް މަހުގެ 8 ވަނަ ދުވަހު އީރާނުގެ ތިންވަނަ އެންމެ އިސް ރޫހީ ލީޑަރުގެ މަގާމަށް އޭނާ އައްޔަންކުރި ފަހުން، ދައުލަތުގެ މީޑިއާތައް މެދުވެރިކޮށް ލިޔުމުން ބަޔާންތައް ނެރުނު ނަމަވެސް، އޭނާގެ އަޑު ހިމެނޭ އޯޑިއޯއެއް ނުވަތަ ފޮޓޯއެއްވެސް މީގެ ކުރިން އާންމުކޮށްފައެއް ނުވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، މުޖުތަބާ އާންމުކޮށް ނުފެންނާތީ އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެކި ފަރާތްތަކުން ވަނީ ތަފާތު ގޮތްގޮތަށް ވާހަކަދައްކާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ވިދާޅުވި ގޮތުގައި، މުޖުތަބާގެ ފުރާނަ ސަލާމަތްވުމުގެ އޮތީ އެންމެ ދިހަ އިންސައްތައިގެ ފުރުސަތެކެވެ. މީގެ އިތުރުން، އިޒްރޭލުގެ ޗެނަލް 14 އިން ދާދި ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޖުތަބާގެ ހާލުކޮޅު ވަރަށް ގޯހެވެ.

މި ވާހަކަތަކާ ގުޅިގެން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން މި ހަފުތާގައި ވިދާޅުވީ، މި ވަގުތު މުޖުތަބާއާ މުއާސަލާތުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް، އޭނާއާ އެކު ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށާއި، އެ ބައްދަލުވުންތަކުގައި މުޖުތަބާގެ ފަރާތްޕުޅުން އޯގާތެރިކަމާއި ހަރުދަނާ ވިސްނުންފުޅު ފެނިވަޑައިގަތް ކަމަށް ޕެޒެޝްކިއާން ވިދާޅުވިއެވެ. އީރާނުގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މުޖުތަބާ ހުންނެވުމަކީ އީރާނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި މިހާރު އޮތް ހާލަތުގެ ފައިދާ ނަގައިގެން ބައެއް ފަރާތްތަކުން މުޖުތަބާގެ ހާލަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެހެރް ނިއުސް އޭޖެންސީން އާ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައިއާރުއައިބީންވެސް ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު މުޖުތަބާގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އެކްސްގައި އާންމުކުރި އެ ވީޑިއޯއިން ފެންނަނީ މުޖުތަބާ ދީނީ އިލްމު އުނގަންނައިދެއްވާ މަންޒަރު ކަމަށް އައިއާރުއައިބީން ބުނެފައިވެއެވެ. ނަމަވެސް، އެ ވީޑިއޯވެސް ރެކޯޑުކުރި ތާރީހަކާއި ތަނެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.