މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ ތަކެތި ނެގުމަށް އަންގާފައިފިއެވެ.

މި ތަކެތި ހަތް ދުވަހުގެ ތެރޭގައި ނަގައި ހުސްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ވަނީ އަންގާފައެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ އުޅަނދުތަކާއި ތަކެއްޗާމެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެއެވެ. މި ބަދަލަކީ މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކުންފުންޏާއެވެ މި މަޝްރޫއުގެ ދަށުން 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގްވާމީ ކީ-ވޯލްއަކާއި 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ީގެ އިތުރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި، 3 ހެކްޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ތިލަފުއްޓަށް ބަދަލުކޮށް ނިންމާލެވޭނެއެވެ. ތިލަމާލެ ބްރިޖްގެ މަސައްކަތް ނުނިމުނު ކަމުގައިވިޔަސް، ކޮންޓެއިނާ އޮޕަރޭޝަންތަކާއެކު ރޯރޯ ފެރީގެ ހިދުމަތް ބޭނުންކޮށްގެން އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.