ދިރުވާލައިގެން، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފައިވާ ކަމަށެވެ.

އެ މީހާ އަތުލައިގެންފައި ވަނީ 1،180 ގްރާމްގެ ކޮކެއިން (66 ބުލެޓް) އާއެކު ކަސްޓަމްސްއިން ބުނެފައި ވެއެވެ. އަދި އެ ތަކެތި މަގުމަތީގެ އަގު 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހިއްސާކޮށްފައި ނުވެއެވެ.

އަދި އަތުައިގެންފައި ވަނީ ދިވެއްސެއްކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނޫނެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ދާދި ފަހުން ވެސް އަތުލައިގެންފައި ވެއެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ.

އެ މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ މެތްއެމްފެޓަމީން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 2231 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން ވެސް ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ އިތުރުން ޖޫން މަހުގެ 9 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.4 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލް ވެސް އަތުލައިގެންފައި ވެއެވެ. މި ތަކެތީގެ މަގުމަތީ އަގު 11 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

މި ސަރުކާރުން މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރަމުންނެވެ.