ތިންލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ހުރި ފޮއްޓެއް ވަގަށްނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިން ޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މި ފޮށީގައި ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ.
މި މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، ތަހުގީގީ އެކި މަސައްކަތްތަކުގެ އެހީގައި ފޮށި ވަގަށްނެގި މީހާ އާއި ފޮށި ގެންދިޔަ ތަން ދެނެގަނެފައެވެ.
މި މައްސަލައިގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވަނީ ލ. މުންޑޫ، ސެވެންސްޓާ، އަލީ ނާޒިމް (44އ) އެވެ. އޭނާ ހައްޔަރުކޮށް، ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު، އޭގެ ތެރެއިން 248,500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ. މީގެ އިތުރުން، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7,000 ރުފިޔާގެ މޯބައިލް ފޯނެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން އަލީ ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
