މާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މާލޭގެ މަގުތަކުގައި ވޭތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި ފުލުހުން ވަނީ ޖުމްލަ 21,354 އުޅަނދު ބަލައި ފާސްކޮށްފައެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ 1 އިން ޖޫން 30 ގެ ނިޔަލަށް ބަލައިފާސްކުރި އުޅަނދުތަކުގެ ތެރެއިން 10,878 ފަހަރު ޖޫރިމަނާކޮށްފައި ވާއިރު، 8,740 ފަހަރު ވަނީ ނަސޭހަތް ދީފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 118 އުޅަނދު ފާސްކޮށް، 60 އުޅަނދު ޖޫރިމަނާ ކުރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބަލައިފާސްކުރާ ކޮންމެ 100 އުޅަނދަކުން 51 އުޅަނދެއް ޖޫރިމަނާ ކުރަންޖެހޭ ހާލަތްތައް މެދުވެރިވެފައި ވެއެވެ.

މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި ފުލުހުން ވަނީ މި މުއްދަތުގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ސްކޫލް ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް 10,263 ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ޕާކިން މައްސަލަތަކަށް ހައްލު ހޯދުމުގައި ފުލުހުން ވަނީ އުޅަނދުތައް ޓޯކުރުމުގެ ބަދަލުގައި، އަމިއްލައަށް އުޅަނދު ނެގުމަށް އެދި ވެރިފަރާތްތަކަށް 23,608 ފޯނު ކޯލު ކޮށްފައެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 3,417 އުޅަނދެއް ޓޯކޮށްފައި ވެއެވެ. މީގެ ތެރޭގައި ގިނައީ ސައިކަލެވެ. އެއީ 3,336 ސައިކަލާއި 81 ހަތަރު ފުރޮޅުލީ އުޅަނދެވެ.

ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، ނުރައްކާތެރިކޮށް ދުއްވުމުގެ 77 މައްސަލައެއް ވެސް ވަނީ ފާހަގަވެފައި ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯންތަކުގައި ދުއްވި އުޅަނދުތަކާއި، ގަވާއިދާ ހިލާފަށް ބަދަލު ގެނެސްގެން ދުއްވި އުޅަނދުތަކަށް ވެސް ފިޔަވަޅު އަޅާފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ޖޫރިމަނާ ކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. އަދި އިންޝުއަރެންސާއި ރޯޑްވާދިނަސް ނެތުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ 59 ބާވަތެއްގެ ކުށަށް ފިޔަވަޅު އަޅާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.