މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އިތުރުވަމުން އަންނަ ކަން ފާހަގަކޮށް މި ކަމަށް ރައްޔިތުން ސމަާލުވުމަށް ދުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖުލައި 26 އިން އޯގަސްޓް 1 އާ ދެމެދު ސްކޭމްގެ 42 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާއިރު، ފުލުހުންގެ އަވަސް މަސައްކަތުން އޭގެ ތެރެއިން 163,558.00 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

މިދިޔަ ހަފްތާގައި 42 މައްސަލައެއް ރިޕޯޓްކޮށްފައިވާ އިރު، އޭގެ ކުރީ ހަފުތާގައި (ޖުލައި 19 އިން 25 އަށް) ރިޕޯޓުކޮށްފައި ވަނީ 33 މައްސަލައެވެ. އެ ދެހަފްތާއާ އަޅާބަލާއިރު 27 ޕަސެންޓްގެ އިތުރުވުމެއް ފެންނަން އެބަ ހުއްޓެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް (35.71 ޕަސެންޓް) ރިޕޯޓުކޮށްފައި ވެއެވެ. ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް (26.19 ޕަސެންޓް) ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައެއް (19.05 ޕަސެންޓް) އާއި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައެއް (7.14 ޕަސެންޓް) ރިޕޯޓުކޮށްފައިވެއެވެ. އަދި އެހެނިހެން ގޮތްގޮތުން ހިންގާފައިވާ ސްކޭމްގެ 5 މައްސަލައެއް (11.90 ޕަސެންޓް) ފާހަގަކުރެވިފައިވާއިރު، މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

ރައްޔިތުންގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރަކަށް އައިސް އިތުރުވަމުންދާ ބުކިންގ ރިފަންޑް ސްކޭމްތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ ސްކޭމްތަކުގައި ސައްހަނޫން ފައިސާ ފޮނުވި ސްލިޕް ދައްކައިގެން، ބުކިންގ ކެންސަލްކުރަން ބޭނުންވާކަމަށް ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދެއެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ.

ފުލުހުން އިތުރަށް ނަސޭހަތްތެރިވަނީ އޮންލައިން ވިޔަފާރީގައި 'ކޭޝް އޮން ޑެލިވަރީ' އަށް އިސްކަންދިނުމަށާއި، ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ބޭންކުތަކުގެ ޚިދުމަތް ހޯދުމަށެވެ. އަދި ދަންނަ މީހެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނަސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި އެއީ ސައްހަ މުއާމަލާތެއްކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.