މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މީރުމާގައި ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތާއި، މުޢައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

"މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގައި މި ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ބޭނުންވާ މުހިއްމު މައުލޫމާތުތައް ހޯދައި އެއާއި އެއްކޮށް ތިލަފުށި ރިލޮކޭޓްކުރުމުގެ މަސައްކަތް ފެށުން. އަދި ވިޔަފާރިތަކަށް ވީހާވެސް ފަސޭހަވާނެގޮތަކަށް ހުރިހާ މުއައްސަސާތަކެއްގެ ވިސްނުމާއި އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކުރުން" ހުސައިން ޝަފީގު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ މައުލޫމާތުތައް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް، މި މަސައްކަތުގައި އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުން

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު އިގްތިސާދީ ވައުދުފުޅެކެވެ.

ތިލަފުށި ބަނދަރު "ސްޓޭޓް އޮފް ދި އާޓް" ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަގީންކަން ރަައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.