ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކުރި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދް އަދި އިރުމަތީ ސަރަހައްދުގައި ހުރި ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް، އިރާގުން ފޮނުވާލި ޑްރޯން ހަމަލާތައް ސައުދީ ދިފާއީ ބާރުތަކުން ވަނީ ނާކާމިޔާބުކޮށްލާފަައިވައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ އަމަންއަމާންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ދޭން މަސައްކަތްކުރި މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި ސަރަހައްދީ ސުލްހަ މަސަލަސްކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ދިވެހި ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، އިރާގުގެ ތެރެއިން ފޮނުވާލި މި ޑްރޯންތައް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވައި ހަލާކުކޮށްލާފައެވެ. ސައުދީން ތުހުމަތުކުރާ ގޮތުގައި މި ހަމަލާތަކަކީ އިރާގުގައި ހަރަކާތްތެރިވާ، އީރާނުގެ މަދަދުލިބޭ ހަތިޔާރު އެޅި ޖަމާއަތްތަކުން ދޭން އުޅުނު ހަމަލާތަކެކެވެ.

މި ހަމަލާތަކާ ގުޅިގެން ސައުދީ ފޮރިން މިނިސްޓްރީން ވަނީ މިފަދަ "އުދުވާނީ" އަމަލުތަކަށް ރައްދުދިނުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާކަން ތަކުރާރުކޮށްފައެވެ. އަދި އިރާގުގެ ބިން ބޭނުންކޮށްގެން ސައުދީއަށް ހަމަލާދިނުން ހުއްޓުވުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމަށް އިރާގު ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މި ހާދިސާއާ ގުޅިގެން އިރާގުގެ ބޮޑުވަޒީރު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމުރު ކުރައްވާފައެވެ. އިރާގުގެ ބޮޑުވަޒީރުގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި، އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރުމުގެ ފުރުސަތު އެ ގައުމުން އެއްވެސް ފަރާތަކަށް ނުދޭނެއެވެ.