ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ޓާމިނަލް 1 ގައި އަރާމުކުރާނެ އާ ޖާގައަކާއި ހިދުމަތްތައް ލިބޭނެ ހާއްސަ ސަރަހައްދެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހުޅުވައިފިއެވެ.
މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަލަށް ހުޅުވި މި ސަރަހައްދާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ޖާގައެއް ވަނީ އިތުރުވެފައެވެ. މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި، ހިތްފަސޭހަ މާހައުލެއް ލިބޭނޭހެން ތަފާތު ވައްތަރުގެ ގޮނޑިތައް ވަނީ އަތުރާފައެވެ.
މި ތަރައްގީގެ ދަށުން، އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށް 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ސަރަހައްދު ފަރުމާކޮށްފައި ވަނީ އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ވެސް ހިމެނޭ ގޮތަށެވެ. މިއީ ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
ފަސިންޖަރުންގެ ލުއިފަސޭހައަށްޓަކައި މި ޖާގައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހާއްސަ ކައުންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ކައުންޓަރު މެދުވެރިކޮށް ދަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ، ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.
