މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ދައުވަތު ނުލިބުމުން ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައެވެ. މިއީ ކޮންމެ އަހަރަކުވެސް ބާއްވާ ޖަލްސާއަކަށްވާއިރު މި ޖަލްސާއަށް ކުރީގެ ރައީސުންނަށާއި ދައުލަތަކަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން އެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވައެވެ.

އަދި ހާއްސަކޮށް ކުރީގެ ރައީސުންނަށް ދައުވަރު އަރުވާއިރު ނިމިދިޔަ 2025 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްވެސް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައި ވެއެވެ. އެއާ ހިލާފަށް މި އަހަރުގެ ރަސްމީ ޖަލްސާގެ ދައުވަތު ލިބިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި އެމަނިކުފާނު މަދަރުސީ ހަޔާތުން ފެށިގެން ޖަލުގައި ހޭދަ ކުރެއްވި ދުވަސްވަރު ވެސް މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ދައުވަތު ކޮންމެ އަހަރަކު ވެސް ލިބިވަޑައިގަންނަވައެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ދައުވަތު ލިބިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މަދުރުސާއަށް ވަތްފަހުން މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ނުކިޔާ މިއީ ފުރަތަމަ ފަހަރު. ޖަލުގައި އޮތް އިރުވެސް ކިޔާ" ނަޝީދު ކަންބޮޑުވެވަޑައިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުގެ ކަންކަން އާންމު ގޮތެއްގައި ކުރަމުންދަނީ ރައީސް އޮފީހާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްއާއި ގުޅިގެންނެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވާއިރު، ސަރުކާރުން ވަނީ މިނިވަން ދުވަހުގެ މުނާސަބާގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށްވެސް ނިންމާފައެވެ.

އެގޮތުން މިރޭ 08:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ސްކޫލް ކުދިންގެ ޕެރޭޑް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ މައިދާނުގައި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑުގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ކުރިއަށް ގެންދާގޮތަށް ރާވާފައި ވެއެވެ. އޭގެ ތެރޭގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައްވެސް ހިމެނެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސް ނިންމަވާފައި ވެއެވެ. މި ބައްދަލުކުރެއްވުން ނުބާއްވާ ގޮތަށް ނިންމެވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ. މިދިޔަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިނުވެއެވެ.