އައްޑޫ ސިޓީގެ ބިންތައް އަތުލައިގަތުމާއި، އެ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިހުތިރާމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގައި ރަށްތަކާއި ސިޓީތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ގާނޫނީ އިންތަކުގެ ތެރޭގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއެކު ބޭނުންކުރުމަށް ކަމަށެވެ.

ނަމަވެސް، ބޮޑު އަގުލަބިއްޔަތަކުން އިންތިހާބުވި އައްޑޫ ސިޓީ ކައުންސިލުން، ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ދަށުން 5 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލަމުންދާ ދަނޑިވަޅެއްގައި، ކައުންސިލާއި ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި "ސަވާހިލި" ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަކީ ލާމަރުކަޒީ ގާނޫނުގެ މަގުސަދާ ސީދާ ހިލާފު ކަމެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިއީ އައްޑޫ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް، ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށް ސަރުކާރުން ހިންގި ހަޑިހުތުރު އަމަލެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސަރުކާރަށް 3 އަހަރުވެގެންދާއިރު ރާއްޖޭގެ ރަށްތަކަށާއި، ވަކިން ހާއްސަކޮށް އައްޑޫ ސިޓީއަށް އެދެވޭ ތަރައްގީއެއް ގެނެސްދެވިފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، ރައްޔިތުންގެ މަޝްވަރާއާއެކު ނިމިދިޔަ 5 އަހަރު އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކަށް ރައްޔިތުން ތާއީދުކުރާކަން ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާފުވާ ކަމަށް ބުނެފައިވެއެވެ.

ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހުސެއްކަމާއި، އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ގާނޫނީ ޖާގައާއި ބާރު ފަހިކޮށްދީފައިވީ ހިނދު، ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން އިންތިހާބުވެފައި އޮތް އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބަންޖެހޭނެ.
އެމްޑީޕީ

އެމްޑީޕީން ވަނީ ގާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމުގައި ސަރުކާރުން ހުރަހަކަށް ނުވުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.