މާލޭ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މިއަދު ހަވީރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަމައަށް އޮތް ސަރަހައްދު ކަމަށެވެ.

އެ ސަރަހައްދު މިހާރު ވަނީ 4 ލޭންއަށް ފުޅާކޮށް، ދަތުރުފަތުރުކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަ ލިބޭނެ ގޮތަކަށް ތަރައްގީކޮށްފައެވެ. އަދި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފީސް ކުރިމަތީގައި 500 ސައިކަލް ޕާކުކުރެވޭނެ ޖާގަ ތަނަވަސް ޒޯނެއްވެސް ތަރައްގީކޮށްފައި ވެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މަގުގެ ބޮޑުބައި ނިމި އާންމުންނަށް ހުޅުވާލި ނަމަވެސް، އެ ސަރަހައްދުގައި އަދިވެސް ބައެއް ކުދިކުދި މަސައްކަތްތައް ކުރިއަށްދާނެއެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

ބޮޑުތަކުރުފާނު މަގު ބޭންކް އޮފް މޯލްޑިވްސް ދޮރުމަތީގައި މުޅިން އަލަށް ތަރައްގީކުރި 500 ޖާގައިގެ ޕާކިންގް ލޮޓް / ފޮޓޯ: އެމްޓީސީސީ

ހަމަ އެހެންމެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރެއިލިންގް ހަރުނުކުރެވި ހުރި ސިޑިތައް ފާހަގަކުރުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯންތައް ބެހެއްޓިފައި ހުންނާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

މި މަޝްރޫއުގެ ތެރެއިން މާލެ ފެހިކުރުމަށްވެސް ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. އެގޮތުން، ދައުލަތުގެ އެކިއެކި މުއައްސަސާތައް ގުޅިގެން ހެންވޭރު ޓާމިނަލުން ފެށިގެން އުތުރު ބަނދަރާ ހަމައަށް 3،100 އަށްވުރެ ގިނަ ގަސް އިންދާފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ރުކާއި މަގޫ ގަހުގެ އިތުރުން ރީތި ބަގީޗާ މާގަސްތަކުން ޒީނަންތެރިކޮށްފައި ވެއެވެ.

ބޮޑުތަކުރުފާނު މަގު ފެހި ކުރުމަށް އެޗްޑީސީގެ ފަރާތުން ގަސް އިންދަނީ / ފޮޓޯ: އެޗްޑީސީ

މި މަޝްރޫއަކީ މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯ ރަނގަޅުކޮށް، ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ސަރަހައްދު ހުޅުވުމާއެކު، ހެންވޭރު ކޮޅުން ފެށިގެން މާލޭގެ މައި ބާޒާރު ސަރަހައްދަށް ދަތުރުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.