އަންނަ އަހަރުގެ ދިރާސީ އާ އަހަރު ސަރުކާރުގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، ސަރުކާރުގެ ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ކުދިން ވެއްދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

އެޕްލިކޭޝަން ފޯމު ހުށަހެޅުމުގައި ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ފޯމާއެކު ހުށަހަޅާ ހުރިހާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑްރެހާއި މޯބައިލް ނަންބަރަކީ ބެލެނިވެރިޔާގެ ރަސްމީ މައުލޫމާތު ކަމުގައި ބަލައި، ސްކޫލްތަކާ އެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ:

ދިވެހި ދަރިވަރުންނަށް:

  • ދަރިވަރުގެ އައި.ޑީ.ކާޑު ކޮޕީ
  • ބެލެނިވެރިޔާގެ އައި.ޑީ.ކާޑު ކޮޕީ
  • ވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަ ނަމަ)
  • އެލް.ކޭ.ޖީ އަށް ވަންނަ ކުދިންނަށް، ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ރެކޯޑް ކުރާ ފޯމް

ބިދޭސީ ދަރިވަރުންނަށް:

  • ދަރިވަރުގެ މުއްދަތު ހަމަނުވާ ޕާސްޕޯޓް އަދި ވިސާ ކޮޕީ
  • ބެލެނިވެރިޔާގެ ޕާސްޕޯޓް، ވިސާ އަދި ވޯކް ޕާމިޓް ކޮޕީ
  • ވެކްސިން ކާޑު އަދި އެލް.ކޭ.ޖީ އަށް ވަންނަ ކުދިންގެ ހެދިބޮޑުވުން ރެކޯޑް ކުރާ ފޯމް

ދިރިއުޅޭ ގޭގެ މައުލޫމާތު ހުށަހެޅުމުގައި، އަމިއްލަ ގެއެއްނަމަ ގޭގެ ރަޖިސްޓްރީ، އަދި ކުއްޔަށް ދިރިއުޅޭނަމަ ކުލީގެ އެގްރީމެންޓްގެ ފުރަތަމަ އަދި ސޮއިކޮށްފައިވާ ފަހު ސަފްހާ ހުށަހަޅަންޖެހެއެވެ. ބެލެނިވެރިޔާ ނޫން ފަރާތެއްގެ ނަމުގައިވާ ތަނެއްގައި ދިރިއުޅޭނަމަ، އެތަނެއްގައި ދިރިއުޅޭކަމުގެ އިގްރާރާއި ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ، ދަރިވަރުން ސްކޫލަށް ވެއްދުމުގައި އުމުރުފުރާ ބަލާނީ އެ މިނިސްޓްރީގެ ސާކިއުލާ (ނަންބަރު: 22-E/CIR/2025/10) ގައިވާ ގޮތުގެ މަތިން ކަމަށެވެ. މި ފުރުސަތަކީ އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ޖާގަ ކަށަވަރުކުރުމަށްޓަކައި ހުޅުވާލެވުނު ފުރުސަތެކެވެ.