ޖަލުގައި ބަންދުކޮށްފައި ތިބޭ ކުށްވެރިންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އިސްލާހު ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކުރި "އިންސާނީ ގުނަވަން ބަދަލުކުރުމުގެ ބިލު" (އޯގަން ޓްރާންސްޕްލާންޓް ބިލު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މީގެކުރިން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ބިލެކެވެ. ނަމަވެސް، އެ މަހުގެ 31 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ބައެއް ކަންކަން މުރާޖާ ކުރުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައެވެ.

ރައީސް މުއިއްޒު މި ބިލު އަނބުރާ ފޮނުއްވާލެއްވި މައިގަނޑު ސަބަބަކީ، ޖަލުގައި ބަންދުކޮށްފައި ތިބޭ ކުށްވެރިންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ބިލުގައި އޮތުމުންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ގުނަވަން ހަދިޔާކުރުމަކީ އަމިއްލަ އިހްތިޔާރާއި ރުހުމުގައި ކުރަންޖެހޭ ކަމަކަށް ވާއިރު، މިނިވަންކަން ހަނިކުރެވިފައިވާ ކުށްވެރިންނަށް އެފަދަ ނިންމުމެއް އެއްވެސް މަޖުބޫރުކަމެއް ނެތި ނިންމުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލެއް ނުކުރެއްވެއެވެ. އަދި އެފަދަ މީހުންނަށް ގުނަވަން ހަދިޔާކުރެވޭނެ ވަކި އުސޫލުތަކެއް ކަނޑަނޭޅި ބިލު ތަސްދީގު ކުރުމަކީ ގާނޫނު ތަންފީޒު ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބިލަކީ ހަމައެކަނި ދިރިހުރި މީހުންގެ ހަށިގަނޑުން ގުނަވަން ބަދަލުކުރުމަށް ހުއްދަދޭ ބިލެކެވެ. މި ގާނޫނުގެ ދަށުން ބައެއް ކަންކަމަކީ ކުށްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މީހެއްގެ ރުހުމާ ނުލައި ގުނަވަނެއް ނެގުން ނުވަތަ އެ ބޭނުންކޮށްގެން ޓްރާންސްޕްލާންޓް ހެދުމާއި، އިންސާނީ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ގަނެވިއްކުމާއި، ހުއްދަ ނެތި ޓްރާންސްޕްލާންޓާ ގުޅޭ ހިދުމަތް ދިނުމާއި، ދޮގު މައުލޫމާތު ދިނުމެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.