"ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހަތަރު ދާއިރާއަކަށް ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް، މިމަހުގެ 27 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ސީދާ ގާތުން އަޑުއެއްސެވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފަށްޓަވަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން މިދިޔަ ޖޫން މަހުގެ ފަހުކޮޅުއެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުން ވަނީ ހާއްސަ އުސޫލުތަކެއް ވެސް ކަނޑައަޅާފައެވެ. އެ އޮފީހުން އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ރައީސްގެ ބައްދަލުވުމަށް ހާޒިރުވާންވާނީ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ހުށަހެޅި ފަރާތެވެ. އަދި އެ ފަރާތުގެ އިތުރުން އެއް ފަރާތަކަށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް ވެއެވެ. އެގޮތުން އަނބިމީހާ، ފިރިމީހާ، ދަރި އެ ފަރާތުގެ މައިންބަފައިން ހިމެނެއެވެ.
އަދި ބައްދަލުވުމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތާއި އެ ފަރާތުގެ ބައިވެރިންނަށް ދިހަ މިނެޓުގެ ވަގުތެއް ދެވޭނެ ކަމަށް ވެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ބިރު ދެއްކުމާއި ހުތުރު ބަހުން މުއާމަލާތް ކުރުމުގެ އިތުރުން މަސްލަހަތު ގެއްލޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ. އަދި ރައީސް އޮފީހަށް ހާޒިރުވާ އެންމެންވެސް ސަލާމަތީ އުސޫލުތަކަށް ތަބާވާންވާނެ ކަމަށް ވެއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ފަށްޓަވާ ބައްދަލުވުންތަކެކެވެ.
