ހދ. ހަނިމާދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ ޖުލައި 21 ވަނަ ދުވަހުގެ ރޭ ދަންވަރު 00:20 އެހައިކަން ހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެ ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށެވެ. އެގޮތުން ފަޅުވެރިޔާއަށް ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އަލިފާން ރޯވުމުގެ ސަބަބުން އެ ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި އަޅިއަށްވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.