ތައިލެންޑްގެ ކެބިނެޓުން ވިސާ ޕޮލިސީ އަނެއްކާވެސް މުރާޖާކޮށް އާއްމުކުރި ނިންމުމުގައި، ވިސާއާނުލާ ދިވެހިންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދޭގޮތަށް ހަމަޖައްސާފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ތައިލެންޑްގެ ކެބިނެޓުން ވިސާ ޕޮލިސީ އަލުން މުރާޖާކުރުމަށްފަހު ނިންމި މި ނިންމުމުގެ ދަށުން، ވިސާއާ ނުލައި އެ ގައުމަށް އެތެރެވުމަށްފަހު ތިބެވޭ މުއްދަތު ވަނީ 30 ދުވަހަށް އިތުރުކޮށްދީފައެވެ. ތައިލެންޑުގެ ކެބިނެޓުން 19 މެއި 2026 ގައި ކުރިން ނިންމާފައިވަނީ ވިސާއާ ނުލައި ދިވެހިންނަށް ތިބެވޭނީ 15 ދުވަހު ކަމަށެވެ. ނަމަވެސް މި މަހުގެ 14 ވަނަ ދުވަހު ގެނައި މި އާ ބަދަލާއެކު، ރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް އަދި މޯލްޓާގެ ރައްޔިތުންނަށްވެސް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މި އުފާވެރި ބަދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވަނީ ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓާ އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް، ސިހާސަކް ފަންގްކެޓްކޯ އަށް ފޯނުން ގުޅުއްވައި ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދިޔަ މި ލުޔަށްޓަކައި ޝުކުރު އަދާކޮށް، މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.
ތައިލެންޑްގެ ވިސާ ޕޮލިސީއަށް ގެނައި މި ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މި ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފަށަންދެން، މިހާރުވެސް އޮންނަ އުސޫލުގެ ދަށުން ދިވެހިންނަށް ތައިލެންޑަށް އަދި ދަތުރު ކުރެވޭނެކަމަށެވެ.
