މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ އަންނަ ހަފުތާގައި އެ ސަރަޙައްދު ހުޅުވުމަށް ތައްޔާރުވަމުންދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ފިޔަވަހީގެ ދަށުން ތަރައްގީކޮށްފައިވަނީ މާލޭ އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަހައްދެވެ.

މި މަސައްކަތާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، މަގު ހުޅުވިގެންދާއިރު އެ ސަރަހައްދުގައި އެއްފަހަރާ 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ބޮޑު ޕާކިން ސަރަޙައްދެއް ކަނޑައަޅުއްވާފައިވާނޭ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ބޮޑުތަކުރުފާނު މަގު މިގޮތަށް ހަދައި ނިމުމުން މާލޭގެ އެތެރޭގެ މަގުތަކުގެ ތޮއްޖެހުން ވެސް ކުޑަވެގެންދާނެއެވެ.

މި ފިޔަވަހި ނިމުމާއެކު، ދެން އެންމެ އަވަހަށް ފެށޭނީ ބޮޑުތަކުރުފާނު މަގުގައި އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަހައްދުގެ އިތުރުން ދުއްވާ ހުރިހާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން، މާލޭ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް އެއްވެސް ތަކުލީފެއް ނުލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި މަސައްކަތަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 2027 ގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް އެއްކޮށް ޒަމާނީކުރުމުގެ ބިޔަ މަޝްރޫއުގެ ބޭރުން، ވަކިން ކުރިއަށްދާ މަސައްކަތެކެވެ.