ދިވެހި ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އިގްތިސާދީ މަސައްކަތްތަކުގައި ބައިވެރިވާ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން، "ޔޫތު އެންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހްކޮށްދެއްވައިފިއެވެ.

މި ފެސިލިޓީ އިފްތިތާހްކޮށްދެއްވީ މިއަދު ހެނދުނު ބަރސެލޯ ނަސަންދުރާގައި ބޭއްވުނު "ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އާ އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ތައާރަފުކުރި ފެސިލިޓީއެކެވެ.

މި ފައިނޭންސިން ފެސިލިޓީގެ ދަށުން، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭއިރު، މިއީ ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ރަނގަޅު ފުރުސަތެކެވެ.

މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބީއެމްއެލްއިން އަލަށް ހިދުމަތްދޭން ފެށި 7 ބްރާންޗެއް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ބްރާންޗްތައް ހުޅުވާފައިވަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި، އަދި ލ. މާވަށުގައެވެ.

މި އާ ބްރާންޗްތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ވަކިވަކި ރަށްތަކުގައި ތިބެގެން ބޭންކިން ހިދުމަތްތަކާއި މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.