ލ. ހިތަދޫއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ޝާކިރު ވަނީ، ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ހުއްޓާލައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލާޒިމުކޮށްފައިވާ އަސާސީ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

ގާތްގަނޑަކަށް 1000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިތަދޫގައި ކަރަންޓުގެ މައްސަލަ ފެންމަތިވާން ފެށީ މީގެ ހަމަސް ދުވަސް ކުރިންނެވެ. ހިތަދޫގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެފައިވުމުގެ ސަބަބުން، ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑެމުންދާ ކަމަށް މެންބަރު ޝާކިރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގޭގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބެމުންދާކަން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ޝާކިރު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހިތަދޫ ފެނަކަ ބްރާންޗުން މީގެ ކުރިން ބުނެފައިވަނީ، ރަށުން ކަރަންޓު ކެނޑެނީ އެންމެ ބޮޑު ޖަނަރޭޓަރު (600 ވޮޓު) ހަލާކުވުމުން ކަމަށެވެ. ބާކީ ހުރި ދެ ޖަނަރޭޓަރުން މުޅި ރަށަށް އެއްފަހަރާ ކަރަންޓު ނުދެވޭތީ، ދެ ލޭނަކަށް ބަހާލައިގެން ކޮންމެ އެއްގަޑިއިރަކުން ބަދަލުކުރާ ގޮތަށް ކަރަންޓު ދެމުން އަންނަ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

ހިތަދޫ ކަރަންޓު މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މި ސަރުކާރު ނުކުޅެދިފައިވާކަން ފާހަގަކުރައްވަމުން މެންބަރު ޝާކިރު ވަނީ މި މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ތާވަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.