ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ބާއެއްގައި އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 30 މީހުން މަރުވެފައި ވާއިރު މި ހާދިސާ ހިނގަން މެދުވެރިވީ އިހުމާލުން ކަމަށް ބެލެވޭތީ، ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ސަލާމަތްވި މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ، އަލިފާން ރޯވި ވަގުތު ބައެއް ދޮރުތައް ހުރީ ތަޅުލާފައި ކަމަށެވެ. އަދި ކުއްލި ހާލަތުގައި ނުކުންނާނެ ދޮރުތައް އަންގައިދޭ ނިޝާންތައް ވެސް ފެންނަން ނެތް ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި، ސްޓޭޖު ކައިރިން ރޯވި އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު ފެތުރިގެން ދިޔައީ އެތަން ޒީނަތްތެރިކުރުމަށް އަލިފާން ހިފާ ފަދަ ތަކެތި ބޭނުންކޮށްފައި ހުރުމުންނެވެ. ތައިލެންޑުގެ ފުލުހުންގެ ޖެނެރަލް ކިއްޓިރަތު ފަންފެޓް ހޯމަ ދުވަހު ވިދާޅުވި ގޮތުގައި، މިކަމުން ދައްކައިދެނީ އެތަނަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަމެވެ.
މި ހާދިސާގައި 70 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވާއިރު، އޭގެ ތެރެއިން 24 މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ. އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް، މަރުވި މީހުންގެ ތެރެއިން 27 މީހެއްގެ ކާކުކަން ދެނެގަނެވިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ. މީހުން ސަލާމަތްކުރަން ހަރަކާތްތެރިވި ފަރާތްތަކަށް ގިނަ މީހުން ފެނިފައިވަނީ ބާގެ އެންމެ ފަހަތުގައި ހުރި ފާހާނާތަކުގެ ތެރެއިންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެ މީހުން އެތަނަށް ވަނީ އަލިފާންގަނޑުން ސަލާމަތްވުމަށް ފިލަން މަސައްކަތް ކުރުމުގެ ތެރޭގައެވެ.
އިންޖިނިއަރިން އިންސްޓިޓިއުޓް އޮފް ތައިލެންޑުގެ އަލިފާނުގެ ސަލާމަތާބެހޭ ތަޖުރިބާކާރެއް ކަމަށްވާ ބުސަކޯން ސައެންސުކް ބުނެފައި ވަނީ ފާހާނާތަކާ ކައިރީގައި ހުރި ދޮރު ހުރީ ތަޅުލާފައި ކަމަށެވެ. އަދި މައި ދޮރޯށީގެ ދެ ދޮރު ކައިރީގައި ފަރުނީޗަރާއި އެހެނިހެން ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން، އެ ދޮރުތަކުން ނުކުތުމަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ކުއްލި ހާލަތުގައި ނުކުންނާނެ ދޮރުތައް އަންގައިދޭ ބޯޑުތައް ދިއްލާފައި ހުރި ނަމަ، ދޮރު ތަޅުލާފައި ހުރިކަން މީހުންނަށް އެނގި، އެ ދޮރު ހުޅުވުމުގެ ފުރުސަތު އޮތީސް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
މި ހާދިސާގެ ފުރަތަމަ ތަހުގީގުތަކުން ދައްކާ ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ އޭސީއެއްގެ ކަރަންޓު ޝޯޓުވުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން މުޅި އިމާރާތުން ކަރަންޓު ކެނޑިގެން ދިޔައެވެ. ސްޓްރަކްޗަރަލް އިންޖިނިއަރިން ޕްރޮފެސަރެއް ކަމަށްވާ ވޯސަކް ކަނޮކް ނުކުލްޗައި ލަފާކުރާ ގޮތުގައި، ގިނަ މީހުން މަރުވެފައިވަނީ އަލިފާނުގެ އަސަރުކުރުމުގެ ކުރިން، ވިހަ ދުމުގެ އަސަރު ކޮށްގެންނެވެ. ޕްލާސްޓިކް މާ ފަދަ އަލިފާން ހިފާ ތަކެތިން ސްޓޭޖު ޒީނަތްތެރިކޮށްފައި ހުރުމާއި، ފަންގިފިލާގައި ފޯމު ހަރުކޮށްފައި ހުރުމުގެ ސަބަބުން، ކާބަން މޮނޮކްސައިޑް އަދި ހައިޑްރޮޖަން ސައިނައިޑް ފަދަ ނުރައްކާތެރި ވިހަ ގޭސްތައް އުފެދިފައިވާ ކަމަށް އޭނާ ބުންޏެއެވެ.
ޕީބީއެސް ތައިއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބާގެ ވެރިމީހާ މީގެ ކުރިން ތައިލެންޑުގެ ޔަސޯތޮން ޕްރޮވިންސްގައި ހިންގި އެހެން ޕަބެއްގައި ވެސް 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ. ނަމަވެސް، އެ ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތެއްގައި ކަމަށްވާތީ، އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
