ހދ. މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމި، ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދިޔަ ޝޯ ޕްރޮޓެކްޝަން (ތޮށިލުން) ގެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.
މި މަސައްކަތް މަޑުޖައްސާލަން ޖެހުނީ، ތޮށިލުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު ރަށުތެރެއަށް އަރާ ގުޑުމުގެ ސަބަބުން ރަށުގެ ބައެއް ގެތަކަށް ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބުމާ ގުޅިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުއްލާ މުއްތޮލިބު މިއަދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސައްކަތް މަޑުޖައްސާލުމަށްފަހު މިހާރު އެކަމާ ގުޅޭ އެސެސްމެންޓެއް ހެދުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެކުންފުނިން މިހާރު ވަނީ އެއްކޮށް ނިންމާފަ އެވެ. މީގެ އިތުރުން އެއާޕޯޓުގެ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން މިހާރު ފަށާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. އެމްޓީސީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި މަޝްރޫއުގައި 1،800 މީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ބިން ހިއްކުމުގެ އިތުރުން، ރަށުގެ އިޖުތިމާއީ ބޭނުންތަކަށް ހާއްސަކޮށްގެން އިތުރު 22 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވެއެވެ.
