މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި، ގާތްގަނޑަކަށް 4 މިލިއަން ރުފިޔާ ވަގަށްނެގި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މާޗު 15، 2026 ދުވަހުގެ ރޭ 21:02 އެހައިކަށްހައިއިރު ހިންގި މި ވައްކަމުގެ މައްސަލައިގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. މި ހާދިސާގައި އެޕާޓްމަންޓުން ޖުމްލަ ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް ރުފިޔާ ވަގަށް ނަގާފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ތަފާތު ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެގޮތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އުފުލާފައިވަނީ މ.އޭސިޔާ، އަހްމަދު ފާރިސް، ހދ.ނޮޅިވަރަންފަރު، ޖަޒީލާ މަންޒިލް، ޖަޒީލު މުހައްމަދު، ސ.މީދޫ މޫންލައިޓްވިލާ، މުހައްމަދު އަފްރާގް، ރ.މަޑުއްވަރި، ދާރުލްއައްވަލް، އިސްމާއީލް އާސިފް އަދި ޅ.ނައިފަރު، ކަސްތޫރިމާގެ، މުހައްމަދު ނޫރު އަހްމަދުގެ މައްޗަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މީގެ އިތުރުން އަހްމަދު ފާރިސް އާއި ޖަޒީލު މުހައްމަދު އަދި މުހައްމަދު ނޫރު އަހްމަދުގެ މައްޗަށް ވަނީ އެޕާޓްމަންޓުގެ ވެރިފަރާތުގެ ހުއްދައެއް ނެތި އެތަނަށް ވަދެފައިވާތީ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އުފުލާފައެވެ. މީގެ އިތުރުން މި ތިން މީހުންގެ މައްޗަށް ވަނީ އެޕާޓްމަންޓަށް ވަދެ، އެތަނުގެ ކޮޓަރިތަކުގެ ދޮރުތަކަށާ، ތިޖޫރީތަކަށް ގެއްލުންދީފައިވާތީ، މުދަލަށް ގެއްލުން ދިނުމުގެ ދައުވާވެސް އުފުލާފައެވެ.
ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. މުއްދަލަށް ގެއްލުން ދިން މައްސަލައިގެ އަސާސީ އަދަބީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި މި ވައްކަމުގައި ގެއްލުނު ގިނަ އަދަދެއްގެ ފައިސާ، އެޕާޓްމަންޓުގެ ވެރިފަރާތަށް އަނބުރާ ނަގައިދިނުމަށް ދައުވާ ލިބޭ މީހުންގެ ކިބައިން ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
