ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި އުސޫލުތަކާ ހިލާފަށް ބިން ދޫކުރި މައްސަލައިގައި، އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހުރިހާ މެންބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބަލާ ތަހުގީގު ނިންމުމަށްފަހު، އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026 ގައެވެ. އަދި ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލަ ބަލައިގަނެފައެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހއ. ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުހައްމަދު ވަހީދު އާއި، ނައިބު ރައީސް އަހުމަދު އިމްދާހުގެ އިތުރުން، އެ ދައުރުގައި ހިމެނިވަޑައިގަންނަވާ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަހުމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާސިހާގެ މައްޗަށެވެ.

މި މައްސަލަ އޭސީސީން ތަހުގީގުކޮށްފައިވަނީ، ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ކައުންސިލްގެ ހަތް މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ދެ ކުށަކަށެވެ. އެއީ:

  1. ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ.
  2. ގާނޫނުލްއުގޫބާތުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދަޢުވާ.

އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ބިން ދޫކުރުމުގައި ކައުންސިލުން އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް، ވަކި ފަރާތަކަށް ނަހަމަ މަންފާ ހޯދައިދިނުމުގެ ނިޔަތުގައެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން ދައުވާ އުފުލުމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން އޭރުގެ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ. ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަހީދުގެ މައްޗަށް ފިޔަވަޅު އެޅީ، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ގާނޫނާއި ގަވައިދާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ހޯރަފުށިން 5000 (ފަސްހާސް) އަކަފޫޓުގެ ބިމެއް ދީފައިވާ ކަމަށް، އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.