ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެވެލް 2 ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ހެލްތް މިނިސްޓަރު ގީލާ އަލީ ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މި މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ޔުނިޓް ގާއިމްވުމުން ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ހިދުމަތްތަކާއި ޕޯސްޓްމޯޓަމްގެ ހިދުމަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ޔުނިޓުން ފޯރުކޮށްދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި:
- ޝަރުއީ ގޮތުން ބަލަންޖެހޭ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލުކުރުން.
- ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތަކާ ގުޅިގެން ހިންގަންޖެހޭ ތަހުލީލުތައް ކުރުން.
- ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ކުރާ އަނިޔާތަކާ ގުޅޭ ތަހުލީލުތައް ކުރުން.
- ޝަރުއީ އަދި އިންޝުއަރަންސް ބޭނުމަށް މީހަކަށް ލިބިފައިވާ އަނިޔާ ވަޒަންކޮށްދިނުން.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓާއި، ޔުނިޓް ގާއިމްކުރާނެ ބިން މިހާރު ކަނޑައެޅިފައިވާ ކަމަށެވެ. ޕޯސްޓްމޯޓަމްގެ ހިދުމަތް ގާއިމްކުރުމަށް 2015 ވަނަ އަހަރު ގާނޫނުގައި ހިމަނާފައި އޮތް ނަމަވެސް، އޭގެ ފަހުން އައި ސަރުކާރުތަކުން މިކަމުގައި އަމަލީ މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި، މި މަސައްކަތް ހަގީގަތަކަށް ހަދަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފޮރެންސިކް އަދި ޕޯސްޓްމޯޓަމް ހިދުމަތަކީ ރައްޔިތުންގެ އިހުސާސްތަކާ ގުޅުންހުރި، ވަރަށް ހައްސާސް ހިދުމަތެއް. އެހެންކަމުން މިފަދަ ހިދުމަތެއް ތައާރަފްކުރަންވާނީ އެންމެ ފުރިހަމަ ވަސީލަތްތަކާ އެކު،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ 'ފޮރެންސިކް ޕެތޮލޮޖީ ދިނުމުގެ ގަވާއިދު' މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި ކަމަށްވެސް ހާމަކުރެއްވިއެވެ.
މިހާތަނަށް ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަނީ ހާއްސަ ހާލަތްތަކުގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 23 ހަށިގަނޑެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވެއެވެ. އިންޑިއާގެ ޓްރިވެންޑްރަމަށް ހަށިގަނޑެއް ފޮނުވައިގެން މި ހިދުމަތް ހޯދުމަށް ގާތްގަނޑަކަށް 55,000 ރުފިޔާ ހަރަދުވާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
