ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސްތައް، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ނަހަމަ ގޮތުގައި ބޭނުންކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފިއެވެ.

އެމްއޭސީއެލް އިން މިގޮތަށް އިންޒާރު ދީފައިވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށާއި އެއާޕޯޓުގައި ހަރަކާތްތެރިވާ ކަމާބެހޭ ފަރާތްތަކަށް އަމާޒުކޮށް ނެރުނު ހާއްސަ ސާކިއުލާއެއްގައެވެ.

އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުންތަކަށް، ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރެވޭ އެއްޗެއް ނަމަވެސް ބައެއް މުވައްޒަފުން އެއްވެސް އޮޕަރޭޝަނަލް ބޭނުމަކާ ނުލައި، ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށް ނުވަތަ ކަސްޓަމްސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވެ، އެއާޕޯޓާއި ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ދަތިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މި އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލުން ނުވަތަ ކެންސަލް ކުރާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އެހެންކަމުން، ހާއްސަ ހުއްދައެއް ނެތި ކަސްޓަމްސް ސަރަހައްދަށް ނުވަނުމަށާއި، މަސައްކަތުގެ ބޭނުމެއްގައި ނޫނީ ފަސިންޖަރުންނާ ވާހަކަނުދެއްކުމަށް މިހާރު ވަނީ މަނާކޮށްފައެވެ.

އެމްއޭސީއެލް އިން ވަނީ އެއާޕޯޓުގެ ހުރިހާ ސެކިއުރިޓީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.