ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގް (ސޯބެ)، މަޖިލީހުގެ ދެ ކޮމިޓީއަކަށް އައްޔަންކުރަން މިއަދު ފާސްކޮށްފިއެވެ.

ސޯބެ އައްޔަންކުރަން ނިންމާފައިވަނީ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއެއް ކަމަށްވާ ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށެވެ.

މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި ސޯބެ މަގާމުގެ ހުވާކުރެއްވުމާ އެކު، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ. މި ބަދަލާ ގުޅިގެން ސިޔާސީ ޕާޓީތަކަށް ކޮމިޓީތަކުން ޖާގަ ލިބޭ ނިސްބަތަށް ބަދަލު އައިސް، އެމްޑީޕީއަށް ކޮމިޓީތަކުން އިތުރު ދެ ޖާގަ ލިބުނެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ހިމެނޭ ގޮތުގެ ރިޕޯޓް އިއްވާފައިވާއިރު މި ރިޕޯޓް ފާސްކޮށްފައި ވަނީ އެމްޑީޕީ މެންބަރުންވެސް ހިމެނޭހެން 68 މެންބަރުންގެ ވޯޓުންނެވެ.

ސޯބެ ކޮމިޓީތަކަށް އައްޔަންކުރުން ލަސްވަމުންދާތީ، މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ތަޅުމުގައި ބޮޑު އިހުތިޖާޖެއް ކޮށްފައެވެ. އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި ވެރިކަން ކުރާ ޕީއެންސީން މަސައްކަތް ކުރަމުންދިޔައީ މަސައްކަތް މަދު، ނުފޫޒު ކުޑަ ކޮމިޓީއަކަށް ސޯބެ ލުމަށެވެ. އެ ދުވަހުގެ އިހުތިޖާޖާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެމްޑީޕީގެ 9 މެންބަރެއްގެ ނަން އިއްވައި، ތަޅުމުން ބޭރުކުރައްވާފައެވެ.