އައްޑޫ ސިޓީގައި ހިންގަމުންދާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ އޮޕަރޭޝަނަލް ކެޕޭސިޓީ އަންނަ ޖުލައި މަހުގެ މެދުތެރޭގައި ބޮޑުތަނުން ފުޅާވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން މަރުޒޫގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު 30 ގައި ރިސޯޓު އަލުން ހުޅުވައި ހިދުމަތް ދޭން ފެށިނަމަވެސް، މިހާތަނަށް އެތަން ހިންގަމުން އައީ ވަރަށް ކުޑަ ކެޕޭސިޓީއެއްގައި ކަމަށެވެ. ނަމަވެސް ރިސޯޓުގެ ޑިވެލޮޕްމެންޓާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކާއެކު، އަންނަ މަހުގެ މެދުތެރޭގައި އޮޕަރޭޝަންތައް ވަރަށް ބޮޑަށް ފުޅާވެ، އިތުރު ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އައްޑޫގެ ފަތުރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ހަންކެޑެ މަޝްރޫއު އާއި އިންޓަގްރޭޓަޑް ޓޫރިޒަމްގެ މަސައްކަތްތަކުގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ހަންކެޑެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްވުރެ ބޮޑަށް ބަދަލުކޮށް، ތަފާތު ގޮތަކަށް ކުރިއަށް ގެންދިއުމަށް ރާވަމުންދާކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 3 ނުވަތަ 4 ހަފުތާގެ ތެރޭގައި އަމަލީ ގޮތުން ޕްރޮޖެކްޓް ފެށޭވަރުވާނެއެވެ. އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ކުރިއަށްދާ ބައެއް މަސައްކަތްތައް ވެސް މިހާރު ހުރީ އަމަލީ މަރުހަލާ ފެށުމާ ހަމައަށް ގޮސްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަންގްރިއްލާ ރިސޯޓަކީ އައްޑޫ ސިޓީގެ އިގްތިސާދީ މައިބަދަ ކަމަށްވާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެ ރިސޯޓް ބަންދުކުރުމުން އައްޑޫގެ އެތައް ސަތޭކަ ޒުވާނުންނެއްގެ ވަޒީފާ ގެއްލި، އަތޮޅުގެ ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް ކުރިމަތިވިއެވެ. އެހެންކަމުން، މި ރިސޯޓް އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދުފުޅެވެ.
