ސިޔާސީ ފިކުރަކަށް ބަލައިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ދަމަހައްޓަވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ދެއްވާފައިވާނެ ކަމަށާއި، ސިޔާސީ މަގާމުތައް ފިޔަވައި އެހެން ހުރިހާ މުވައްޒަފުން މަގާމުތަކުގައި ދެމިތިބި ކަމަށެވެ. މީގެ ތެރޭގައި އެތައް އަހަރެއް ވަންދެން ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ހިމެނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދުނިޔޭގެ މަސްރަޙުގައި ފެށުނު ހަނގުރާމައާއެކު، އިގްތިސާދަށް ކުރިމަތިވި ނުތަނަވަސްކަމުގެ ސަބަބުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން މަޖުބޫރުވި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރިން އަންދާޒާކުރި ކަމެއް ނޫނެވެ.

ދުނިޔެއަށް އައި މި ބަދަލާއެކު، ކުންފުނިތައް 'ރައިޓްސައިޒް' ކުރުމަކީ ނުވަތަ މުވައްޒަފުންގެ އަދަދު އެންމެ އެކަށޭނަ މިންވަރަށް ތިރިކުރުމަކީ ރާއްޖޭގެ އިގްތިސާދު ސަލާމަތްކުރުމަށްޓަކައި މިހާރު ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށްދަނީ ވަކި އުސޫލުތަކެއްގެ މަތިން، އެޗްއާރު އޮޑިޓްތައް ހަދައިގެން ކަމަށާއި، ބައެއް މުވައްޒަފުންނަށް އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ޕެކޭޖްތައްވެސް ހުށަހަޅަމުންދާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ވަޒީފާއިން ވަކިކުރުމުގެ މައުލޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުންފުނިތަކުގެ ގަވާއިދާ ހިލާފުވާ މީހުންނާއި، ޕްރޮބޭޝަން މުއްދަތުގައި ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަކީ ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރުން ނޫން ކަމަށެވެ. އަދި ކުންފުނީގެ މުދަލަށް ގެއްލުންދީ، ވައްކަން ކުރާ ފަރާތްތައް ވަޒީފާގައި ބޭތިއްބުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ އިސްލާހީ ބަދަލުތަކަކީ ހަމައެކަނި ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮކަމަށްޓަކައި އަޅަންޖެހުނު ކަނޑައެޅިފައިވާ ފިޔަވަޅުތަކެކެވެ. އެހެންކަމުން، ސިޔާސީ ގޮތުން އެއްވެސް މީހަކަށް ބަދަލުހިފުމުގެ ރޫޙެއްގައި ވަޒީފާގެ ބިރުވެރިކަން ކުރިމަތި ނުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އަނެއްކާވެސް ދެއްވިއެވެ.