ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލްޔާ ޝަރްސާ ނަސީރު، އޭނާއާއެކު ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާގެ މައްޗަށް ގްރޫމް ކުރުމުގެ ތުހުމަތު ކޮށްފިއެވެ.
އަލްޔާ މިހެން ބުނެފައިވަނީ ، އިއްޔެ މި ދެމީހުންގެ ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
މިދިޔަ އޭޕްރިލް މަހުގެ 17ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލްޔާ ކޯޓުގައި ބުނީ، އޭނާއާއެކު ދެން ހައްޔަރުކުރި ރޫނާ އޭނާ "ގްރޫމް" ކޮށްގެން ކުށް ކުރުވީކަމަށެވެ. އެގޮތުން އޭނާގެ ނަފުސާނީ ހާލަތު ހުރިގޮތުން އަމިއްލަ ނަފުސު ނުރައްކަލަށް ހުށަހެޅިފައިވަނިކޮށް، ރޫނާއާ ދިމާވީ އެކަމަށް ފަރުވާ ހޯދުމުގެ ތެރެއިންކަމަށް އަލްޔާ ވަނީ ބުނެފައެވެ. އަދި ރޫނާ އޭނާގެ ބަލިކަށިކަމުގެ ފައިދާ ނަގައި، ގްރޫމްކޮށްގެން ކުށްކުރުވަން ރާއްޖޭން ބޭރަށް ފޮނުވަމުންދިޔަ ކަމަށްވެސް އަލްޔާ ތުހުމަތުކުރި އެވެ.
ބަންދު މުރާޖައާ މަޖިލީހުގައި ރޫނާގެ ފަރާތުން ބުނީ، އޭނާ ބަންދުގައި ބަހައްޓާފައިވަނީ އެކަހެރިކޮށް، ފާހާނާވެސް ނުހުންނަ ގޮޅިއެއްގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަފުސާނީ ހާލަތު އިތުރަށް ގޯސްވަމުންދާތީ، އެކަށީގެންވާ ފަރުވާއެއް ދިނުމަށް ރޫނާގެ ފަރާތުން ކޯޓުގައި އެދުނެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި ރޫނާއެވެ. މި މައްސަލައިގައި ފުރަތަމަ ކޯޓުން ނެރުނު އަމުރުގައި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރި ކަމަށް ބުނެފައިވީ ނަމަވެސް، ފަހުން ނެރުނު އަމުރުގައިވާ ގޮތުން އެ ތަކެތީގެ ބަރުދަނަކީ 1.5 ކިލޯއެވެ.
