އަދަދު ނޫހުން ދެއްކި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ހެނދުނު ފަށަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

އެ މައްސަލަ ހައި ކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފްކުރަން ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިންނެވެ. ނަމަވެސް ހައިކޯޓަށް އެމްޖޭއޭއިން ހުށަހެޅި މައްސަލަ އިސްތިއުނާފްކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ބޭރުކޮށްލުމާއެކު، މައްސަލަ ރައްދުވި އެކަކު ކަމަށްވާ އަދަދުގެ ސީއީއޯ ހުސެން ފިޔާޒު މޫސާގެ ފަރާތުން އަލުން މައްސަލަ ހުށަހެޅީއެވެ.

މާދަމާ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު އެ މައްސަލައަށް ބާ ކައުންސިލުން ވެސް ވަނީ ތަދައްހުލުވެފަ އެވެ. މި މައްސަލަ، ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލަން ފަށަން ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނެވެ. މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަބްދުއްރައޫފު އިބްރާހީމާއި ހުސެއިން މަޒީދާއި ފާތިމަތު ފަރުހީޒާއެވެ.

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައިވާ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކޮށް، އޭގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ދެއްކުމާއި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ދައްކައި، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތު ފަތުރާ ނަމަ، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ ކަމަށެވެ.

ގެގް އޯޑަރާ ހިލާފުވީ ކަމަށް ބުނެ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާންވަނީ ކުރިން ޖަލަށްލާފައެވެ. ޖަލަށްލުމާ އެކު، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ އެކަން ކުށްވެރިކޮށްފައެވެ.