ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ނިޒާމު ހަރުދަނާކޮށް، މައްސަލަތައް އަވަހަށް ނިންމުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

އޭސީސީން ބުނި ގިތުގައި މިފަދަ އިސްލާހެއް އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ނަތީޖާ ނެރެވޭނެ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމާއި، ތަހުގީގުތަކުގެ އަވަސްކަން އިތުރުކުރުމެވެ. އެގޮތުން މި އިސްލާހުގެ ދަށުން، ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް، ނިންމާނެ މުއްދަތެއް ކަނޑައެޅުމަށްޓަކައި، ތަހުގީގު ފެށުމުގެ ކުރިން، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، 'އެސެސްމަންޓެއް' ހެދުން ލާޒިމުކޮށްފައިވެއެވެ.

ހަމަ އެހެންމެ މައްސަލަތައް އެސެސްކުރުމުގައި މުޖުތަމައުގެ މަސްލަހަތު، މާލީ ގެއްލުން، ހެކި ނައްތާލުމުގެ އިހުތިމާލު، އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަދަ 10 މިންގަނޑަކަށް ބަލައި، މައްސަލަތައް ކެޓަގަރީކޮށް، އެ ކެޓަގަރީތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅަން ލާޒިމު ކުރެއެވެ.

މި އިސްލާހުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖައާކޮށްގެންނެވެ. މި އިސްލާހުތައް ގެނެސްފައިވަނީ، ކޮމިޝަނުގެ އާ ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން ތަހުގީގުތައް ހަރުދަނާކޮށް ތަހުގީގު ލަސްވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި އިސްލާހަާއެކު، އޭސީސީގެ ތަހުގީގު އޮނިގަނޑު އިތުރަށް ހަރުދަނާވެ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އަމަލުކުރާ އިޖުރާއަތުތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މިފަދަ އިސްލާހުތަކެއް ގެނެސްފައި މިވަނީ މައްސަލަތައް ލަސްވުމާއި ބޮޑެތި މައްސަލަތައް ނުބަލާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވެފައި ވަނިކޮށެވެ.