ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަލަހައްޓަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެއާޕޯޓުގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

ހާބާ ޕޯޓަލްގެ ނަމުގައި ތައާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ، އެއާޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި، އެކި ކަންކަމަށް އެދި ހުއްދަ ހުށަހެޅުމުގެ ކަންކަން ލުއިފަސޭހަކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުންކަމަށް އެމްއޭސީއެލް އިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އުޅަނދުތަކުގެ ވެރިންނާއި، އޮޕަރޭޓަރުންނާއި، ފަޅުވެރިންގެ އިތުރުން ކަމާބެހޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން މި ޕޯޓަލްގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި ޕޯޓަލް މެދުވެރިކޮށް އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެއެވެ. އަދި ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓާ ކުރުމުގައި އެމްއޭސީއެލްއަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ހިދުމަތް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމަށާއި، ޕޯޓަލް ބޭނުންކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. މި މަސައްކަތުގެ ދަށުން އުޅަނދުތަކުގެ ވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުއާމަލާތްކުރުމުގެ މަސައްކަތްވެސް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ.

ހާބާ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، މި މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަރުހަލާތައް ނިމި، ޕޯޓަލް ފުރިހަމައަށް ބޭނުންކުރަން ފެށުމުން، ފަޅުތެރޭގެ ހިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.