އެމެރިކާގެ ޓެކްސަސްގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރެއްގެ ބޭރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ބަޑިޖަހައި ޒަހަމްކޮށްލި މައްސަލައިގައި، އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ ރިޒާވިސްޓަކާއި އިތުރު ހަތް މީހަކު އެތައް އަހަރަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދައުލަތުން ވަނީ މި މީހުންނަކީ ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ "އެންޓިފާ" ނުވަތަ ވާއަތުފިޔައިގެ ސިޔާސީ ހަރަކާތާ ގުޅުންހުރި ބައެއް ކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި އެންމެ ބޮޑު އަދަބެއް ދީފައިވަނީ އެމެރިކާގެ މެރިން ރިޒާވިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ބެންޖަމިން ސޮންގް އަށެވެ. އޭނާ 100 އަހަރަށް ޖަލަށްލުމަށް އަންގާރަ ދުވަހު ހުކުމްކޮށްފައި ވާއިރު، މިއީ މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި، ޑަލަސް ކައިރީގައި ހުންނަ ޕްރެއަރީލޭންޑް ޑިޓެންޝަން ސެންޓަރުގެ ބޭރުގައި ޖުލައި 4 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން، ބަޑިތައް ނެގުމަށް ގޮވާލައި ސޮންގް ވަނީ އެ ސަރަހައްދަށް އައި ފުލުހަކަށް ހަމަލާދީފައެވެ.

ސޮންގްގެ އިތުރުން ދެން ތިބި ހަތް މީހުންގެ މައްޗަށް ވަނީ 30 އަހަރާއި 70 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެއް އިއްވާފައެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންގެ މައްޗަށް ސާބިތުވެފައި ވަނީ ޓެރަރިޒަމްގެ ދައުވާތަކެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ސެޕްޓެންބަރު 22 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުން އެންޓިފާއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުއްވި ފަހުން، އެ ޖަމާއަތާ ގުޅުންހުރި ކަމަށް ބުނެ ބަޔެއްގެ މައްޗަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

މި މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ ތެރެއިން އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު ރީޑް އޯކޮނަރ ވިދާޅުވި ގޮތުގައި، އެ ދުވަހު ހިނގައިދިޔަ ކަންތައްތަކަކީ މުޒާހަރާއެއް ނޫން ކަމަށާއި، އެއީ ޑިމޮކްރަސީއަށް ދިން ހަމަލާއެކެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، އެކްޓިންގ އެޓަރނީ ޖެނެރަލް ޓޮޑް ބްލާންޗް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ދައުލަތުގެ އިމާރާތްތަކަށް ހަމަލާދޭ އެންޓިފާގެ ޓެރަރިސްޓުންނަށް އަވަސް އަދި ދޫދިނުމެއް ނެތް އިންސާފު ލިބޭނެކަން މި ހުކުމްތަކުން ސާފުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ޕްރޮސެކިއުޓަރ ފްރޭންކް ގަޓޯ ވަނީ ހަރުކަށި ފިކުރުގެ މީހުންނަށް ބޮޑެތި އަދަބުތައް ދިނުމަށް ކޯޓުގައި އެދިފައެވެ.

ނަމަވެސް، ދިފާއީ ވަކީލުން ވަނީ މި މީހުންނާއި އެންޓިފާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. ވަކީލުން ކޯޓުގައި ފާހަގަކުރި ގޮތުގައި، މިއީ އިމިގްރޭޝަން މަރުކަޒުގައި ބަންދުކޮށްފައިވާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހަވާ އަރުވައިގެން ކުރިއަށްގެންދިޔަ ސުލްހަވެރި އެއްވުމެކެވެ. އަދި މުޒާހަރާގެ ބައިވެރިން ހަތިޔާރު ގެންގުޅުނީ ހަމައެކަނި އަމިއްލަ ސަލާމަތަށްޓަކައި ކަމަށާއި، އެއްވެސް ބަޔަކަށް ހަމަލާދިނުމަށް ރާވާފައި ނުވާނެ ކަމަށް ވަކީލުން ބުނެފައިވެއެވެ.

މި މައްސަލައިގައި 50 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އޯޓަމް ހިލް އާއި ސަވާނާ ބެޓެންގެ ވަކީލުން ބުނި ގޮތުގައި، އެ ދެ މީހުންގެ އަތުގައި ހަތިޔާރެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި އެއްވުން ރޭވުމުގައިވެސް އެ މީހުން ބައިވެރިވެފައި ނުވާ ކަމަށް ވަކީލުން ބުނެފައިވެއެވެ. މީގެ އިތުރުން، 30 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ޑެނިއަލް ސަންޗޭޒް އެސްޓްރާޑާގެ މައްޗަށް ސާބިތުވެފައިވަނީ ހަމައެކަނި ލިޔެކިޔުންތަކެއް ފޮރުވިކަމުގެ ކުށެވެ. އޭނާގެ ވަކީލު ކްރިސްޓޮފަރ ވެއިންބެލް ބުނި ގޮތުގައި، ހާދިސާ ހިނގި ވަގުތު އޭނާ އެތާނގައި ނެތް ކަމަށާއި، އޭނާ ކުރި ހަމައެކަނި ކަމަކީ ހާދިސާއަށްފަހު އޭނާގެ އަމިއްލަ ކުރެހުންތަކާއި ފޮތްތަކެއް ހުރި ފޮށްޓެއް އެހެން ތަނަކަށް ބަދަލުކުރުމެވެ.

މި ހުކުމްތަކާ ގުޅިގެން ކުށް ސާބިތުވި މީހުންގެ އާއިލާތަކުން ވަނީ ކަންބޮޑުވުމާއި ރުޅިވެރިކަން ފާޅުކޮށްފައެވެ. އޯޓަމް ހިލްގެ އަންހެނުން ލީޑިއާ ކޯޒާ ބުނި ގޮތުގައި، މުޒާހަރާއެއްގައި ބައިވެރިވުމުގެ ސަބަބުން މުޅި އުމުރު ޖަލުގައި ހޭދަކުރަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގޮސްފައި ނުވާކަން އޭނާ ފާހަގަކުރިއެވެ.

މި މައްސަލައިގެ ސަބަބުން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ވަނީ ބޮޑެތި ބަހުސްތަކެއް ފެށިފައެވެ. ފާޑުކިޔާ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، މިފަދަ ހަރުކަށި ހުކުމްތަކުގެ ސަބަބުން އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި މުޒާހަރާކުރުމުގެ ހައްގަށް ވަރަށް ބޮޑު ހުރަހެއް އެޅިގެންދާނެއެވެ.

މި ހުކުމްތައް އައިސްފައިމިވަނީ، ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަނާ ގުޅޭގޮތުން އަޅަމުންދާ ފިޔަވަޅުތަކަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި މިނެސޯޓާގައި 15 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ދަނޑިވަޅެއްގައެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި އެ މީހުންނަކީވެސް އެންޓިފާއާ ގުޅުންހުރި ބައެކެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސަރުކާރުގެ އިމާރާތްތައް ބްލޮކްކޮށް، ފެޑެރަލް އުޅަނދުތަކަށް އައިސްގަނޑު އުކައި، މީހުން ހައްޔަރުކުރުމާއި ޑީޕޯޓްކުރުމަށް ހުރަސްއެޅުމަށް ރޭވިކަމުގެ ކުށެވެ.